-
ދީފައިވާ ވާހަކައިން އަދަބީބަސް ހޯދަން ދިނުން.
-
އަދަބީ ބަސްތަކަށް ހާދިސާ ލިއުއްވިދާނެ.
-
އަދަބީބަސް ބޭނުންކޮށްގެން ދަރިވަރުންނަށް ވާހަކަ، ނަޞޭހަތްފަދަ ތަކެތި
ލިއުއްވިދާނެ.
އަދަބީބަސް ބޭނުންކޮށްގެން ލިޔެފައިވާ ވާހަކައެއް
ވީރާނާ
ވަގުތަކީ ފިނިފިނި ފަތިހެއްގެ ހިތްގައިމު ވަގުތެވެ.
ފަނިފަކުސާއާއި ކޮވެލީގެ ނަލަނަލަ އަޑުފަށުން
މުޅިފަޒާވަނީ ގުގުމާފައެވެ. ކާޅުތަކާއި ހާތައް އެގޮވާ ގޮވެލިފައްޗަކީ މާދަމާގެ
ނިޢުމަތްތަކުގެ ވާހަކަތައް ކަމަށްވެސް ވެދާނެއެވެ. މިހުރިހާ މަޙުލޫޤުންވެސް އައު
ދުވަހަކަށް އިރުއަރާތީ އެކަމާ އުފާކުރަމުން ލަވަކިޔަނީއެވެ. މިހިތްގައިމު މޫރިތި
އަޑުތަކުން، މާޔޫސް ވެފައިވާ އެތައް ހިތަކަށް އުންމީދު
ގެނުވިޔަސް މިހިތަށް ލިބޭ ހަމަ އެއްވެސް ތަސައްލީއެއް ނެތެވެ.
ފާއިތުވާ ކޮންމެ ހިނދުކޮޅަކީ
ނިޔަނެތި މަންމައާއި ކިޔަމަންތެރި އަނބިމީހާގެ މަތިން ހަނދާންވާ ވަގުތުތަކެވެ. އެ
ހަނދާންތަކާ ދުރުވެވޭ ހަމަ ފަޅި ސިކުންތެއްވެސް ނާދެއެވެ.
އެއީ މީގެ15 އަހަރު
ކުރިއެވެ. ކޮންމެ ދުވަހަކު ހެނދުނު ހެނދުނާ މަންމަގެ އަތުންތައްޔާރުކުރާ ސައި
ބޮއެގެން އަހަރެން މަދަރުސާއަށްދަނީ މުސްތަޤުބަލުގައި މަންމަ އެދޭފަދަ މޮޅު
މީހަކަށް ވުމުގެ އުންމީދުގަ، އެމަންމަގެ ހެޔޮދުއާޔާއި އެކުގައެވެ. އެކުވެރި
އަނީލުއާއެކު އަހަރެން މަގުން ގޮސް އޮބާލަންދެން މަންމަ ގޭ ދޮރުމަތީގައި ހުރެއެވެ.
އަހަރެންގެ އުމުރުން އެންމެ ދެ އަހަރުގައި ބައްޕަ ނިޔާވިއެއްކަމަކު
އަހަރެންނަށްޓަކާ މަންމަ ކުރާ އުންމީދަކަށް ކުޑަނަމަވެސް ހީނަރުކަމެއް ނާދެއެވެ.
އަހަރެންނަށް ރަނގަޅު ތަޢުލީމަކާއި ތަރުބިއަޔަތެއް ދިނުމަކީ މަންމަގެ ވަޢުދެކެވެ.
މަންމަގެ އަޒުމާއެކު އަހަރެންގެވެސް އަމާޒަކީ މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް
ދާނަދެން ޢިލްމު އުނގެނުމެވެ.
ނަމަވެސް ތަޢުލީމީ
ހަޔާތުގައި އަމާން ކަމާއެކު އަހަރުންނަށް ދެވުނީ މެދުމަދަރުސީ ދައުރާ ހަމައަށެވެ.
ސާނަވީ ތަޢުލީމީ ހަރުފަތުގައި އަހަރެންގެ އަޤީދާ ބަލިކަށިވިއެވެ. ގޭކައިރީގައި
ހުންނަ ގެއެއްގެ ގުރޫޕަކާ ގުޅެވުނެވެ. އެގެއަކީ ކުށުގެ ހަވޭއްޔެކެވެ. އަހަރެންގެ
ދިރިއުޅުމަށް މިއައި ބަދަލާއެކު ކުރިން އެންމެ އިސްކަމެއްދިން ކިޔެވުން އެއީ އެހާ
އަހައްމިއްޔަތުކަމެއް ދެވޭކަމަކަށް ނުވިއެވެ. އަޅުކަމަށް ހުސްކުރާނޭ ވަގުތެއް އަމުދުން
ނުވެސް ނެތުނީއެވެ. އަސްކެނިމަތިން ހަނދާންވަނީ ވާރޭވެހެން ފެށީމައެވެ.
އަހަރެންވެސް ފޮތްމަތިން ހަނދާންވަނީ އިމްތިހާނު ބޯމަތިވީމައެވެ.
ހުރިހާކަމަކަށްވުރެ
އަހަރެންނަށް މުހިންމުވީ އައު އެކުވެރިޔާ މާހިރުއާއި އޭނާގެ ގުރޫޕެވެ.
އެމީހުންނަކީ އުމުރުން އަހަރެންނަށްވުރެ މާދޮށިބަޔަކަށް ވުމަކީ އަހަރެން މާ
ސަމާލުކަންދިން ކަމެއް ނޫނެވެ. ކުޑައިރުގެ ރަޙުމަތްތެރިޔާ އަނީލަކީ މާގަޔާވާ
މީހެއްކަމަކަށް ނުވިއެވެ. ކިޔެވުމަށް އޭނާ ފޯރިހުންނަވަރުން އަހަރެން އޭނަދެކެ
ވަރަށް ފޫހިވެއެވެ. ކުޑަގަހަކަށްވުރެ ބޮޑުގަހެއްގެ ހިޔާ މާ ބޮޑުވާނޭ ހިތާ ކުރިން
އަނީލާއެކު ހޭދަކުރިހާ ވަގުތުތައް ފަހުން އަހަރެން ހޭދަކުރީ
މާހިރުމެންނާއެކުގައެވެ. އެމީހުން ވަރަށް އެކުވެރިއެވެ. އަބަދު ކަމަކީ
މަޖާނެގުމެވެ. ކޮނުނު ކޮނުނުހެން ފަސްގިނަވޭ ބުނާ ބީދައިން އެމީހުންނާއެކު އުޅުނު
ވަރަކަށް އެމީހުންގެ މަޤުބޫލުކަން އަހަރެންގެ ހިތުގައި އިތުރުވިއެވެ.
އަހަރެންނަށް މިއައި
ބޮޑުބަދަލަކީ ނިކަމެތި މަންމައަށް ވަރަށް ހިތްދަތި އަސަރެއް ކުރުވި ކަމެކެވެ.
ހަމައެހިނދުން ހިނދަށް މަންމަގެ އޯގާތެރިކަމުގެ ނަސޭހަތްތައް އަހަރުންގެ
ކުރިމައްޗައް އޮހުނެވެ. މާހިރާއި އަމުދުން އެއާއިލާގެ ފަތިފުށް ފަށްފަށުން މަންމަ އަހަރެންނަށް ކިޔާދިނެވެ. އަހިވަކާޖެހި އަހިވަށް
ފާވާނޭ، ކަނބުރުގައަކަށް ވަނިއްޔާ އަޅިބުރާނޭބުނެ ވިސްނައިދޭން މަސައްކަތް
ކުރިއެވެ. މާހިރުގެ މުޅިއާއިލާއަކީ މަސްތުވާތަކެތީގެ އަޅުންނެވެ. އެހެންކަމުން
އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެކަން މަންމަ އަންގައިދިނެވެ.
ނަމަވެސް ކުރާނީ
ކީއަހެއްޔެވެ؟ މަންމަ ކީހާ ޅެންވީ ފަރިއްސަށެވެ. ރޯކޭލޭ ބުނީމާ ދެތަލިތަތްލާނޭ
މަންމަ ހީކުރަނީ ކަމުގައިބުނެ މަންމަގެ ބަސް އެއީ އަގެއްހުރި އެއްޗަކަށް
ނުހެދީމުއެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނޭ ބުނާހެން، މާހިރުގެ
ނުބައިކަން އެއީ އެވެސް ކަމަކަށް އަހަރެންނަކަށް ނުވިއެވެ. އެކަންކަން މަށަށް
ވިސްނައިދޭން ކުރި މަސައްކަތަކީ ފޫނެއް ފަޔަށް
ފެންފުރުން ކަހަލަ ކަމަށް ވިއެވެ.
ހުރިހާ މާނައެއްގައިވެސް
އަހަރެން މާހިރުމެންގެ ހާދިމަކަށް ވެއްޖެއެވެ. އެމީހުންގެ ހުރިހާ ޑްރަގް
ޑީލްތަކެއް ހެދެނީ ސީދާ އަހަރެންގެ ރޭވުމުގެ މަތިންނެވެ. ފުރަތަމަ ދުވަހު ކުޑަކުޑަ
އެއްޕެކެޓު ވިއްކީއެވެ. ނަމަވެސް ފަހުން އަދަދު އިތުރު ކުރަމުން ނަފާ ބޮޑުކުރަމުން
ދިޔައީމެވެ. ކަންޏާ ކުޑަކާއްޓެއް ނުކާށޭ ބުނާބަސް ހަނދާން ކުރަމުންނެވެ. ލިބޭ އާމްދަނީއިން
ބައެއް އަހަރެންގެ ޖީބަށް ސީދާ ވަންނާނޭހެން މޮޅަށް ރާވަވުން ދިޔައީމެވެ. ހިންޏަށް
ހަކުރު އޮޅޅުވާލިހެން މާހިރަށްވެސް ނޭނގި އެތަކެއް ހީލަތެއް ހެދީމެވެ. ނުބީހެންޏާ
ކަނޑާ ހަމައެވެ. އަހަރެންގެ މި މަކަރުވެރިކަމުން ޒައްރެއްގެ މިންވަރެއްވެސް
މާހިރަކަށް ނޭނޣޭނެއެވެ. ފުރަތަމަ ވިއްކުމުން ނިންމާލިޔަސް އަތުގަ ހޭކޭ އެއްޗެއް
ދަތުގަ ހޭކޭނޭ ބުނާ ގޮތަށް އެކަމުގައި އުޅެއުޅެ އަހަރެންވެސް މަސްތުވާ ބަލީގެ
ޝިކާއަކަށް ވެއްޖެއެވެ.
އަހަރެންގެ މަސްތުގެ ހާލަތު ފެންނަ
ކޮންމެ ދުވަހަކީ ނިކަމެތި، މުސްކުޅި މަންމަގެ ހިތް އެތަށް މަރަކުން މަރުވެ
ކަފުން ކުރެވޭ ދުވަހެކެވެ. އަހަރެންގެ މައްސަލައަކީ ހަމައެކަނި މަސްތުވުމެއް
ނޫނެވެ. މާރާމާރީއާއި މަކަރާ ހީލަތް ހެދުމުގައިވެސް އަހަރެން ފަހަތަށް
ޖައްސާލެވެނެ މީހަކު ނުހުންނާނެއެވެ.
ކުޑައިރު ހުދު ކަފަކޮޅެއް ފަދައި
ފެނުނު އަހަރެންގެ ފަސްބައި ކިލާވެ، ހަޑިވަމުން ދާތަން ފެނި
މަންމަގެ އެދުމުގެމަތިން އަނީލް އަހަރެންގެ ގެއަށް އައެވެ. ބެދޭ މަޅިއެއް
ނުފެންނާނޭ، ތިޔަހެން އުޅެންޏާ ތިބާ ޖަލަށް ދާން ޖެހިދާނޭ ބުނަމުން އަނީލް
ނަސޭހަތްތެރި ވިއެވެ. ނަމަވެސް ޖަވާބުގައި އަހަރެން ބުނީ މިހެނެވެ. މާހިރުމެންގެ
ކަންތައްތަކާ އަނީލް ނުބެހޭށެވެ. ކުޅަނދުރު ހަތަޔަށް އޮއްގާ ނުލާށެވެ.
ކުކުޅަށްވުރެ ބިސް ދޮށީ ނުވާށެވެ. ތިމާއާ ނުބެހޭ ކަމަކަށް ކާޅު ކެޔަސް ސޮއް
ނުގޮވާށެވެ.
އަހަރެއްގެ ގޮތްދޫނުކުރުމުގެ
ކުރިމަތީގައި އަނީލްގެ ބަސްވީ ހުދު ކާފޫރަށެވެ. އެކުވެރިއެއް ކަމަށް ވިޔަސް
އެފަކީރަށްވެސް އެރުނީ ބަސް ނުވިކޭ އޮޑީގެ ދިރުނބާ ކޮޅަށެވެ. ކުރިމަސައްކަތް
ބޭކާރުވިއެއް ކަމަކު އަނީލް ބުނި ދެތިން ބަހެއް އަހަރެންގެ ހިތައް މިއަދުވެސް
އެތައް ޢިބުރަތެއް ލިއްބައިދެއެވެ. ހަލާ ދަނޑީގެ ދެކޮޅުބަލާށެވެ. މޮޅު ކަމެކޭ
ހީވިޔަސް ތިޔަނަގަނީ ހިޔަންޏަށް މުޑިއެވެ. ނާކާމިޔާބީއާއެކު ދާންޖެހުނަސް
ބުނެލަމެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ. އިހަށް ނުވި ރައްކަލެއް ފަހަކުން
ނުވެވޭނެއެވެ. ކިތަންމެ ދޮންކުރިއަސް ދުނބުރިއެއް އަނބަކަށް ނުވާނެއެވެ.
އަބަދުވެސް ތިބާއަކީ ހެޔޮ ރަހުމަތްތެރިއެއް ކަމަށް އެދުވަހު ހީވިޔަސް އެއީ ކުށް
ހީއެއްކަމަށް ޤަބޫލު ކޮށްފީމެވެ.
ދުވަސްތައް މާޒީއައި
އެކުވަމުންގޮސް އަހަރެންގެ އުމުރުން 25 އަހަރު ވެއްޖެއެވެ. ހަރުދަނާ ޒިންމާދާރު
ވަޒީފާއެއް ނެތަކަސް އަހަރެންގެ އަތްމަތި ތަނަވަހެވެ. މަގުމަތީގައި ލާޗާރު
ބިޗާރަށް އުޅުނަސް ފައިސާއަކީ އަހަރެންނަށް މަދުއެއްޗެއް ނޫނެވެ. އެތަކެއް
މަލަހުން ފޮނިބޮމުން އުދުހޭ މާބުރަކަށްވިޔަސް އަހަރެންނަކީ އެއިން ކޮންމެ މަލެއްގެވެސް
އެންމެ މަޤުބޫލު ފަރާތެވެ. އެއިން އެއްވެސް ޖިންސް ލަތީފެއްގެ ކުރިމަތީގައި
އަހަރެން އިސްޖަހާލަން ޖެހުނު ދުވަހެއް ނާދެއެވެ.
ހަޔާތުގައި އައި
އެހެންދުވަސްތައް ފަދަ ދުވަހަކެވެ. އަހަރެމެންގެ ފައުޖު އެދުވަހު ބަނދަރުޖަހާފައި
ތިބީ އަ.ޖީ.އެމް ހޮސްޕިޓަލް ކައިރީގައެވެ. ހަވީރު ހަތަރެއް ޖެހުމާ ދާދި ގާތްވެފާއި
ވަނިކޮށް އަހަރެންގެ ހިތް އެފަރާތަކަށްޓަކާ ވަޤުފްކުރި ޒުވާނާ، އަހަރެންގެ
ބައިވެރިޔާ ނީނާއާ އަލަތު ފަހަރަށް ބައްދަލުވިއެވެ. އަޅައިގެންހުރި ޔުނީފޯމުން
އޭނާއަކީ އެ ހުސްޕޮޓަލްގެ ނަރުހެއްކަން ޔަޤީން ވެއެވެ. ކެއްކުރުމަކީ، އަމުދުން
އިންތިޒާރު ކުރުމަކީ އަހަރެން ދަންނަ ކަންކަމެއް ނޫނެވެ. ވެހޭތާ ފެންނަގާށޭ
ބުނާގޮތަށް އަހަރެންވެސް ވަޤުތު ފާއިތުވުމުގެ ކުރިން ނީނާ އަހަރެންގެ ހަޔާތުގެ
ބައިވެރިއަކަށް ހަދަން ނިންމީމެވެ.
ޖެހިގެން އައި ދުވަހު
އަހަރެންގެ އެކުވެރީންގެގާތު މިވާހަކަ ބުނީމެވެ. އެއާއެކު މާހިރުމެންގެ މަލާމާތުގެ
ބަސް އަހަރެންގެ ކުތިމައްޗައް ފުނިޖެހުނެވެ. ލަނޑަޔާ ވާނީ ލަނޑަޔާއޭ، ކަލެއަށް
ލިބޭނީ ތިޔަގެންގުޅޭ ކަހަލަ ލަޓޯ ފަޓޯ މަންޖެމެނޭ، ކިތަންމެ ތެޅުނަސް އަތިރީގޭ
އަނބުގަހަކަށް ގަޅިއެއް ނޫކޭނޭބުނެ އަހަރެން މާޔޫސް ކުރުވަން އުޅުނެވެ. ހަޤީގަތުގައި
ނީނާއަކީ ޤަދަރުވެރި އާއިލާއެއްގައިން ހަމައެކަނި ދަރިފުޅޅެވެ. އެކުވެރިންގެ އެ
ބަސްތަކާއެކު އަހަރެންގެ ހިތުގައި ނީނާ ހާސިލްކުރުމުގެ އެދުން އިހުނަށްވުރެ
ގަދަވިއެވެ. އެހެންކަމުން ނީނާއާއި ބައްދަލުކޮށް އަހަރެންގެ ހިތުގެ ހާލަތު ސީދާ
ނީނާއަށް ހުށައެޅީމެވެ. ހީކުރިވަރުގެ އުނގަގޫ ކަމަކަށް ނުވެ އަހަރެންގެ ހުށައެޅުން
ނީނާ ޤަބޫލުކޮށްފިއެވެ.
ހަޔާތުގައި އެއްލުނު
ކާމިޔާބު ސަފްހާއަށްފަހު އަހަރެންގެ ގުރޫޕާއެކު ހޭދަ ކުރަމުންދިޔަ ވަގުތު މަދު
ކުރެވުނީ ހުދު އަހަރެންގެ އިޚްރިޔާރާވެސް ނުލައެވެ. ދުވަހުގެ ހަތަރުދަން އަހަރެން
ހޭދަކުރީ ނީނާއާ ގުޅުންހުރި އެކިއެކި ކަންކަމުގައެވެ. އޭނާއަށް ސިޓީ ލިޔުމާއި
ސިއްރުން ބައްދަލު ކުރުމުގައެވެ.
މާގިނަދުވަސް ތަކެއްނުކޮށް ނީނާ އޭނާގެ
މައިންބަފައިންނަށް އަހަރެމެންގެ ގުޅުމުގެ ވާހަކަ ކިޔައިދިނެވެ. ހަޔާތުގައި އައި ފުރަތަމަ
ކޮޅިގަނޑާ އަހަރެންނަށް ކުރިމަތިލާން ޖެހުނެވެ. އަހަރެންގެ ފަތިފުށް އެމީހުންނަށް
އެނގުނުހިނދު ލޯބިވާ ދަރިފުޅަށް ނޭނގި ވަދެވިފައިހުރި ކަށިކުނބުރު ޖަންގަލިން
ނެރުމަށް ނީނާގެ ބައްޕަ ބޭނުންވިއެވެ. އެކިގޮތްގޮތުން ބައްޕަ ނަސޭހަތްތެރި ވަމުން
ދިޔައީ އަހަރެންނާ ވަކިވުމަށެވެ. ބެޔަސް ނުބެޔަސް ނަންވާނީ ހައިވަކަރު އޮޑިއޭ،
އެގޮތުން އެންމެން ކުރާ ވިޔާނުދާ ކަންތައްތައް މުނާޒަށް ފޫޅު ކަނޑަނީއޭ ބުނެ އަހަރެންގެ
އައްޑަނައެއްކަމުގައި ނީނާވިއެވެ. ހިނިވެސް ފަރުބަދަ ކަނޑިއޭ، އެހެންވީމަ
އަހަރެންވެސް މުނާޒު އިސްލާހު ކުރާނަމޭ ބުނެ ނީނާގެ އެންމެފަހުގެ ނިޔާ ބައްޕައަށް
އިއްވިއެވެ. އަހަރެންގެ އަޒުމަކަށްވެސް ބަދަލެއް ނާދެއެވެ. ބިއްލޫރި ގަންނާނީ ތެޅި
ކުދިކުދި ވެދާނެކަން އެނގިހުރެއެވެ. އެގޮތުން އަހަރެންވެސް ނީނާގެ ހަޔާތަށް އައީ
ހިތް ކުދިކުދި ވެދާނެކަން އެނގިހުރެއެވެ.
ނީނާގެ ނިންމުމާއެކު
ބައްޕަވެސް ހަތިޔާރު ބެހެއްޓިއެވެ. ހަމައެކަނިހުރި ދަރުފުޅުގެ އުފަލަށްޓަކާ
އަހަރެންނާ ނީނާ ހަވާލުކުރިއެވެ. ނަސީބަކީ ކަތީބަކުދޭ އެއްޗަކަށް ނުވާތީ
އަހަރެންގެ އަންބަކަށް ނީނާ ވެއްޖެއެވެ. އެހެންކަމުން އަހަރެންވެސް އަހަރެންގެ
ނަސީބާމެދު އުފާކުރީމެވެ.
ފެށުނު އާހަޔާތާއެކު އުޅުން
އިސްލާހު ކުރުމަށް އަހަރެން އަޒުމު ކަނޑައެޅީމެވެ. މިކަމުގައި ނީނާގެ އެއްބާރުލުން
އިންތިހާއަށް އަހަރެންނަށް ލިބުނެވެ. މުސާރަ މާ ބޮޑު ނޫންނަމަވެސް ވަޑާން ގެއަކުން
ވަޒީފާއެއް ހޯދާ މަސައްކަތްކުރަން ފެށީމެވެ. އަމިއްލަ މަސައްކަތުން ދިރިއުޅުން
އާރާސްތު ކުރުމުގެ އަޒުމުގައެވެ. ކުޑައިރު އަޅުކަމަށް ދިން އަހަންމިއްޔަތު
އަނެއްކާވެސް އަޅުކަމަށް ދިނީމެވެ. އަހަރެންގެ އައު ބަދަލާއެކު ނީނާގެ އާއިލާގެ
ރުހުންވެސް ލިބިއްޖެއެވެ. އަހަރެންގެ މި އިސްލާޙީ ބަދަލުން އެންމެ އުފާވީ މުސްކުޅި
މަންމައެވެ. އެހެންކަމުން ހެއްދެވި ފަރާތަށާއި ނީނާއަށް މަންމަ ހާސްފަށުން
ޝުކުރުވެރިވިއެވެ. އާބާދުވަމުންދާ އަހަރެންގެ ދިރިއުންފެނި މަންމަގެ މޫނުން
ހިނުތުންވުން ފިލާ ހަމަ އެންމެވަޤުތެއް ނާދެއެވެ.
ދުވަސްތައް މާޒީއާއި
އެކުވަމުން ދެއެވެ. އެއްދުވަހަކު ވަޑާންގެ ދޮރުމަތިން އަހަރެންނާ މާހިރު ބައްދަލުކުރިއެވެ.
ކުރިން އޭނާއަށް އަހަރެންހެދި މަކަރެއް ބޭޒާރުވުމުން އެކަމުގެ ރުޅި
ފިލުވާލުމަށެވެ. އެތަކެއް އިންޒާރެއް ދިނުމަށްފަހު އޭނާ އެނބުރި ހިގައްޖެއެވެ.
އާދައިގެމަތިން ވަޒީފާ އަދާކުރުމަށްފަހު އަހަރެން ގެއަށް ދިޔައީ އަރާމު ކޮއްލާނަމޭ
ހިތާއެވެ. އޭރު ނީނާވެސްވީ ޑިއުޓީގައެވެ. ގެތެރެއިން ފެންނަނީ ފަޅުކަމެވެ. ކުއްލިއަކަށް
މާހިރު އައިސް ކޮޓަރީގެ ދޮރުމައްޗައް ހުއްޓުނެވެ. ކުރިން ކިޔުނު އެއްޗެއްސައް
މާފަށް އެދުމަށެވެ. އުފަލާއެކު އަހަރެންވެސް މައާފުކުރީމެވެ. ދެމީހުން އެކުގައި
ވާހަކަ ދައްކަން ތިބެފައި މާހިރު ހިގައްޖެއެވެ. އެހެންކަމުން ނިދާލުމަށްޓަކާ
އަހަރެން ވެސް ޖައްސާލީމެވެ. ހޭލެވުނީ މީހަކު ގޮވާއަޑަށެވެ. ހަނދާނެތި ދޮރުހުރީ
ތަޅުނުލެވިއެވެ. ކުރިމަތީގައި ތިބީ ޕޮލިހުނެގެ 4 މީހުނެވެ. އަހަރެމެންގެ ގެ ބަލާ
ފާސްކުރުމުގެ ކޯޓް އަމުރެއް ހިފައިގެން އައިހެވެ.
ފާހާނާގެ ފްލަޝްޓޭންކުގެ
ތެރެއިން އެމީހުން އެނެގީ ބައި ކިލޯގެ ހިރުއިންނެވެ. އަހަރެން ސިހުނެވެ. ވާނުވާނޭނގި
ގޮތް ހުސްވިއެވެ. ހަމައެހިނދު އަހަރެން ލައިގެންހުރި ސޯޓުގެ ޖީބުންވެސް ހަތަރު
ޕެކެޓު މަސްތުވާތަކެތި ނެގިއެވެ. އިތުރު ސުވާލެއްނެތި އަހަރެންނަށް
ދާންޖެހުނީއެވެ. މިއީ ސީދާ މާހިރުގެ ރޭވުންކަން އެނގުނެވެ. އަނީލް ބުނިފަދައިން
ބެދޭމަޅި ނުފެނި ބެދިއްޖެއެވެ. ހިތްނުބައި ދުޝްމިނަކަށްވުރެ އަޑިނުބައި އެކުވެރިޔަކު
މާނުބައިކަން މިވިސްނުނީ ވަގުތު ފާއިތުވިފަހުންނެވެ. އެދުވަހު އެމަގުން
ނުދެވުނުނަމައޭ ހިތައްއެރިއެވެ. އެކަމަކު ނަމައެއްގައި ކެކޭނީ ކޮންރިހައެއް
ހެއްޔެވެ؟ އެދުވަހުންފެށިގެން އަހަރެން މިއުޅެނީ މިޖަލުގެ ތޭރިތަކުގެ
ނިވަލުގައެވެ.
އަހަރެއް ވީތަނާ އަހަރެންނަށް
ލިބުނީ ނީނާގެ ސިޓީއެކެވެ. އޭގައިވަނީ އޭނާ އަހަރެންގެ ގާތުން މިންޖުވާން އެދޭ
ވާހައެވެ. އެއްފުޅަށް މަތިން ފުންމާލި
ބަކަރި އަނެއް ފުޅަށްމަތިންވެސް ފުންމާލާނެކަމަށް ބުނެ ނީނާ އަހަރެންނަށް ކުރި
އިތުބާރު ގެންދިޔައެވެ. ބަޅެއްގެ ނަގޫ ސަންފާ އޮނަކަށްލިޔަސް ތެދުނުވާނޭކަން މިއަދު
އެނގިއްޖެކަމުގައި ބުންޏެވެ. ނީނާއެދުނު ގޮތައް އެކަން އަހަރެން ނިންމީމެވެ. ދިރިއުޅުމުގެ
މާބޮޑު އުންމީދެއްވެސް ނެތީތީއެވެ. ހަމައެދުވަހު އަހަރެންގެ މަންމަ މިދުނިޔެ
ދޫކުރި ހިތާމަވި ޚަބަރު އަހަރެންނަށް ލިބުނެވެ. ރިހޭފައިމައްޗަށް ފޮއެ ވެއްޓުމުން
އަހަރެންގެ ހަތަރު އުދަރެސް ފެނުޖެހުނެވެ. ދިރިއުޅުމުގެ ހުރިހާ އުންމީދެއް ކަފުން
ކުރެވުނެވެ. ދިރިއުޅުން ވީރާނާވިއެވެ.
……………………………………………………………………
ބައެއް ޙާދިސާތަކާ ގުޅޭ
އަދަބީބަސް!
ޔާސިރު
މާލެބަލާލުމުގެ ބޭނުމުގައި ދޯންޏެއްގެ ފަޅުވެރިއެއްގެގޮތުން މާލެދިޔައެވެ.ނަމަވެސް
ކަންދިމާވިގޮތުން ދޯނީގައިމަޑުކުރާނެ މީހަކުނެތީމާ ޔާސިރު މަޑުކުރިއެވެ. ދެރެއާއި
ދެދުވަސްވެފައި ދޯނިރަށަށް އަތުވެއްޖެއެވެ. ޔާސިރުއާ ދިމާވެގެން ދޮންއާދަންބެ
އަހާލިއެވެ. ތިއައީ މާލެބަލާލަން ގޮސްފަދޯ! ، އެންމެރަނގަޅު ކުޑަކުދިންގެ ބަގީޗާއަށް ދިޔައިންތަ؟ ނޫން ،
ހެދި ގޮނޑުދޮށަށް ދިޔައިންތަ؟ ނޫން ، ދާރުލް އާޘާރަށް ދިޔައިންތަ؟ ނޫން ނޫން، ލޯކަލްމާރުކޭޓަށް
ވަނިންތަ؟ އަސްތާ އާދަމްބޭ ތިޔައިން އެއްތަނަކަށްވެސް
ނުދަން ، ނާ އެހެންވީއްޔާ ޔާސިރު މާލެ ތިދިޔައީ……..
=ކާޅުގުއި
ބަންގާޅަށްދާހެން =
ފެންސިރު
އަހައްމައިދީއަކީ ގެދޮރުފަރުމާކުރުމާ އަދި ޢިމާރާތްކުރުމަށް
މުޅިމެދުރާއްޖެތެރެއަށް ބެލިއަސް އެއްވަނައެވެ. މާލޭގައި ފަހަކަށްއައިސް
ޢިމާރާތްކުރެވޭ ގިނަބިލްޑިންގ ތަކަކީ ފެންސިރު އަހައްމައިދީގެ ޚިޔާލު ކޮންމެވެސް
ސިފައެއްގައި ލިބިގެން ހެދޭ ބިލްޑިންގ ތަކެވެ.އެހެންނަމަވެސް ފެންސިރު
އަހައްމައިދީ ގެ ގެގަނޑު އެހާދަށްފެންވަރެއްގައި ހުންނާތީ އެވާހަކަ އޭނާގާތު
ދައްކާއިރަށް ބުނާވާހަކައަކީ ވަގުތުނުވެގެން ނުކުރެވެނީކަމަށެވެ.އެކަމަކު
ފެންސިރުގެ ވާހަކައަށް ރައްދުދެމުން ތޮޅެންބަގުޑި ފެންސިރާ ދިމާއަށް ބުނީ…….
=ވަޑިންގެ ގެއަކު
ދޮރެއް ނުހުންނާނެް =
ދަނޑިފައި ދޮންޙަސަނު
ކުނިކޮތަޅު އެއްލާލަން އާއްމުކޮށްދަނީ ރޭގަނޑުގެ ދަންބަޔަށް
އަޅާލީމައެވެ.އެއްރެއަކު ކުނިކޮތަޅު އެއްލާލަން ދާންވީއިރަށް އަތުގެކޮނޑުހުޅު
ނޭނގޭވަރަށް ބޯކޮށް ވާރޭ ވެހެންފަށައިފިއެވެ.އެހެންނަމަވެސް ކޮތަޅު އެއްލާލަން
ޖެހޭތީވެ ބައިސްކަލުގައި މާފަންނު ޑަސްޕިނާއި ދިމާއަށް ދުއްވަންފަށައިފިއެވެ.
ވަކިސާބަކަށްގޮސް ދެކޮޅުބަލާލުމަށްފަހު ( ދުވަހަކުވެސް އެފަދަކަމެއްނުކުރާތީ )
ދެނެއްނުދެވޭނޭ ބުނެ ކުނިކޮތަޅު ބަހައްޓާފައި އެނބުރެލިތަނުން ޕޮލިސް ދޮންހަސަނު
ހިފާއްޓައިފިއެވެ. އެވަގުތު ދޮންހަސަނު ހިތާހިތާ ބުނެލީ...
=ވަގަކަށް
ހާސްދުވަސް، ވެރިއަކަށް އެއްދުވަސްެް =
ދޮންމުޙައްމަދާ
އަޙުމަދު އާދަނާ ދެމީހުންނަކީ އެއްރޮނގަކުން އެއްފެންވަރަކަށް ތަޢުލީމު
ޙާޞިލްކޮށްފައި ތިބި ދެމީހުންނެވެ. ދެމީހުން ރަށުގެ ކަތީބުކަމަށް ކުރިމަތިލައިގެން
ކަތީބުކަންލިބުނީ ދޮންމުހައްމަދަށެވެ. ދެމީހުން ތަޢުލީމީގޮތުން
އެއްފެންވަރެއްހުރިކަމުގައިވިޔަސް ދޮންމުޙައްމަދަކީ މިއަދު ފައިސާގެގޮތުން
ރަށުފެންވަރުގައި އެއްވަނައޭބުނުން އެއީ ހަމަ އެންމެބޮޑު ޙަޤީޤަތެވެ. ކަތީބުގެ
ރަނގަޅުވާހަކައާއި ފައިސާގެގޮތުން ތަނަވަސްކަމުގެ ވާހަކަދެއްކި ތަނެއްގައި
އަހުމަދު އާދަނު ކަތީބަށް ރަށްދުކޮށް މިބުނާ ބަހަކީ....
=ވަޅުގައި އޮތް ބޮއް
ބޯވަރެއް ނޭނގޭނެވެ.=
އަލިފުތާބެއްޔާއަކީ ވަރަށްމޮޅަށް ވަޑާންކުރާމީހެކެވެ.އަލިފުތާބެއްޔާ ބުރުންޏަށް އަރުވާލިތާ މާގިނަދުވަހެއްނުވެ އަލިފުތާ ބެއްޔާއަކީ ކޮންފެންވަރެއްގެ ކާކުކަން ބުރުނީގައި ދިރިއުޅޭ އެންމެންނަށް އެނގިއްޖެއެވެ.ހަމައެގޮތަށް އަލިފުތާބެއްޔާއަށްވެސް ވަޑާމުގެ މަސައްކަތުގައި ބުރުނީގައި އެންމެ އަޑުކިޔާމީހުންނަކީ ކޮބައިކަންއެނގި އެމީހުންނާ ގުޅުން ބަދަހިކޮށްފިއެވެ. މިކަންތައްތަކުގެ ފަސްފަހަތް ބަލަމުންދިޔަ ފޮނިމުރާދު އެއްދުވަހަކު އަލިފުތާބެއްޔާ ދިމާއަށް މިބުނަނީ .....
=ބައިމަސް ބަޔަށް
ދުވާނެވެ.=
ދޮންޔޫސުއްބެއަކީ
އެހާ ފޯރުންތެރި މީހެއްނޫނެވެ. އެހެންނަމަވެސް އަތްފައިން މަސައްކަތް
ނުކުރެވޭވަރުގެ ކުޑަ ހަތަރުކުދިންތިބީތީވެ ، ކުދިންގެ ކުރިމަގާމެދު ވިސްނުމަށްފަހު
ދޮންސޮރުބެ ސުނާމީގައި ޙާލުގައިޖެހުނު މީހުންނަށްދޫކުރާ ލުއިލޯނު ( 200000.00ރ ) ނަގައި ގެ ތިންބުރިއަށް
ނެގުމަށްޓަކައި ގޭގެ ބިންގާ ދަމާލިއެވެ. ބިންގާ ދަމާލިތާ 5 އަހަރުވީއިރުވެސް
އެންމެބުރިއެއްވެސް ނުނިމުނެވެ. އެއްދުހަކު ދޮންސޮރުބޭ މަސައްކަތްކުރަން
ހުރިތަންފެނިފައި ، އެރަށަށް އަރުވާލާފައި ހުންނަ ވައިކަރަދޫ ހަކުރު އިސްމާޢީލު
ދޮންސޮރުބެޔާ ދިމާއަށް މިބުނަނީ.....
=ހިނިވެސް ފަރުބަދަ
ކަނޑައެވެ.=
No comments:
Post a Comment